އަންހެންކުއްޖަކު ފެނިފައި އަހަންނަށް ހީވީ
އޭނާއަކީ...
ފޮޅެމުންދާ ފިނިފެން މަލެއް ފަދައެވެ.
ޅެންވެރިއެއްގެ ޚިޔާލާތު ފަދައެވެ.
ބަބުޅަމުންދާ އިރުގެ ދޯއްޖެއް ފަދައެވެ.
ޖަންގަލި ތެރޭގައި އިން ފުއްލާއެއް ފަދައެވެ.
ހަނދުވަރުދޭ ރެއެއް ފަދައެވެ.
ވައި އަޑުން ބުނެލާ ވާހަކައެއް ފަދައެވެ.
އަނދަމުންދާ އުއްބައްތިއެއް ފަދައެވެ.
އަންހެންކުއްޖަކު ފެނިފައި އަހަންނަށް ހީވީ
އޭނާއަކީ.....
ބާއްޖަވެރި ހެނދުނެއްގެ ރިވެތިކަން ފަދައެވެ.
ފިނިމޫސުމުގައި އިރުންދޭ އަވި ފަދައެވެ.
ރާގުކުޅޭ އޮނުގަނޑުން ނެރެލާ ރީތި ރާގެއް ފަދައެވެ.
ހުރިހައި ކުލައެއްގެ ކަމީރު ފަދައެވެ.
އޮޅެމުން އަރަމުންދާ ވެޔޮގަނޑެއް ފަދައެވެ.
ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުން އުފައްދާ
ރާގު ފަދައެވެ.
މީރުވަސްދުވާ މަޑު ވައިރޯޅިއެއް ފަދައެވެ.
އަންހެންކުއްޖަކު ފެނިފައި އަހަންނަށް ހީވީ
އޭނާއަކީ....
ނަށަމުންދިޔަ ސާމަރާދޫންޏެއް ފަދައެވެ.
ސިލްކް ބަރަނީގެ ރޮދިފަށެއް ފަދައެވެ.
ޕަރީންގެ ރާގެއް ފަދައެވެ.
ކެލާ ލަކުޑީގެ އަލިފާން ފަދައެވެ.
ބަނިޔާދަން ކަމުގެ ސޯޅަ ސިފަތައް ފަދައެވެ.
ތާޒާ ދުންފިނި ފަދައެވެ.
މަޑުމަޑުން އެއާއިމެދު މަސްތުވަމުންދާ
މަސްތުވާ އެއްޗެއް ފަދައެވެ.
Comments
Post a Comment